Svoboda | Graniru | BBC Russia | Golosameriki | Facebook
ކުޅިވަރު

ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް އަޒްމީނަށް

33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިސްމާއިލް އަޒްމީން ހޯދައިފި އެވެ.

މިއީ ގައުމީ ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އަޒްމީން ހޯދި ތިންވަނަ ފަހަރެވެ.

ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި އަހަރުގެ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި އަޒްމީން ވަނީ 2-1 ސެޓުން އިބްރާހީމް ހުޖާން އަލީ ބަލިކޮށްފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު އަޒްމީން ކާމިޔާބުކުރީ 25-6 އިންނެވެ. ދެވަނަ ސެޓުގެ ކުރީކޮޅު އަޒްމީން 8-0 އިން ކުރި ހޯދާފައިވަނިކޮށް ހުޖާން ވަނީ މުހިއްމު ޕޮއިންޓްތަކެއް ހޯދައި ނަތީޖާ 10-8 އަށް ބަދަލުކޮށްފަ އެވެ. އަދި އެއަށްފަހު ހުޖާން ވަނީ 24-8 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.

މި މެޗުގެ ދެވަނަ ސެޓުގައި ހުޖާން ފަހަތުން އަރާ ލީޑު ނެގި ނަމަވެސް އަޒްމީން ވަނީ ދެންޖެހިގެން ކުޅުނު ފަސްވަނަ ބޯޑުގައި ނަތީޖާ 20-24 އަށް ބަދަލުކޮށްލައި ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެފަހުން ހަވަނަ ބޯޑުގައި އިތުރު ހަތަރު ޕޮއިންޓް ހޯދައި އަޒްމީން ވަނީ 24-24 އިން ނަތީޖާ އެއްވަރުކޮށްފަ އެވެ. އެކަމަކު، ދެން ޖެހިގެން އައި ބޯޑުގައި ހޯދި ޕޮއިންޓާއެކު ހުޖާން ދެވަނަ ސެޓު ކާމިޔާބު ކުރީ 25-24 އިންނެވެ.

ފުރަމަ ދެ ސެޓު ދެ ކުޅުންތެރިން ހޯދުމާ އެކު ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓު ފެށިގެން 2-0 އިން ހުޖާން ލީޑު ނެގި ނަމަވެސް އިތުރު ލީޑެއް ނެގިޔަ ނުދީ އަޒްމީން ވަނީ 10-2 އިން ފުރަތަމަ ފަހަރަށް ނެގި ލީޑާއެކު ނަތީޖާ އަނބުރާލައި ކޮންޓްރޯލް އަތުލާފަ އެވެ. އަދި އެއަށްފަހު، 16-2 އިން ލީޑް އިތުރަށް ފުޅާކޮށް އަޒްމީން މެޗު ކާމިޔާބުކުރީ 24-3 އިންނެވެ.

އަޒްމީން ވަނީ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން މީގެ ކުރިން 2022، 2023 ވަނަ އަހަރުވެސް ހޯދާފަ އެވެ. އެހެން ކަމުން މިފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަޒްމީލު ހޯދައި ޖެހިޖެހިގެން ތިންވަނަ ފަހަރަށް މިވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް އިވެންޓްގައި 23 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.