Svoboda | Graniru | BBC Russia | Golosameriki | Facebook
ކުޅިވަރު

ސައުދީގެ ބޮޑެތި ހުށަހެޅުންތަކަށް ރަފީނިއާ ދެކޮޅު ހަދައިފި

ސައުދީ އަރަބިއާގެ ބޮޑެތި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ކަމަށް އެ ކްލަބްގެ ފޯވާޑް ރަފީނިއާ ބުނެފި އެވެ.

ސައުދީގެ ޗެމްޕިއަން އަލް ހިލާލް އާއި، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އަލް ނަސްރު ފަދަ ޓީމުތަކުން ވަނީ ބޮޑު އަގުގައި ރަފީނިއާ ގެންދަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ހުށަހެށުންތަކަށް ރަފީނިއާ ނޫނެކޭ ބުނީ މި ފެށޭ ސީޒަންގައި ބާސާގައި އެދެވޭ ކުޅުމެއް ދެއްކޭނެ ކަމަށް އޭނާ ގަބޫލުކުރާތީ އެވެ.

ރަފީނިއާ ބާސާގައި ހުންނަން ބޭނުންވި ނަމަވެސް މިހާރު ކުރިއަރަމުން އަންނަ ޒުވާން ފޯވާޑް ލަމިން ޔަމާލް މޮޅު ކުޅުމެއް ދައްކަމުން އަންނާތީ، ރަފީނިއާއަށް ޓީމުގެ ފުރަތަމަ 11ގެ ގާޖަ ހޯދުމަށް އިތުރަށް މަސައްކަތްކުރަން ޖެހޭނެ އެވެ.

މީގެއިތުރުން ބާސާއިން މިހާރު ދަނީ އެތުލެޓިކް ކްލަބަށް ކުޅެމުން އަންނަ ނިކޯ ވިލިއަމްސް އާއި ލައިޕްޒިގްގެ ޑެނީ އޮލްމޯ ގަތުމަށް މަސައްކަތްކުރަމުންނެވެ. މި ޓްރާންސްފާތަކަށް ފަސޭހަކުރުމަށްޓަކައި ބާސާއިން 27 އަހަރުގެ ރަފީނިއާ ވިއްކާލަން ބޭނުންވާ ކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ.

ސައުދީ ލީގަށް ރަފީނިއާގެ ޝައުގު ނެތް ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން ހުޅަހެޅުމެއް ލިބިއްޖެ ނަމަ އޭނާ ބާސާ ދޫކޮށްލަން ބޭނުންވެދާނެ ކަމަށް މީގެކުރިން ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.