Svoboda | Graniru | BBC Russia | Golosameriki | Facebook
އިގްތިސޯދު

ރާއްޖޭ ރޭޓިން "ސީސީ" އަށް ދަށްކޮށްފި

ދުނިޔޭގެ އެންމެ މަޝްހޫރު ކްރެޑިޓް އޭޖެންސީތަކުގެ ތެރެއިން އެއް އޭޖެންސީ ކަމަށްވާ ފިޗް އިން ރާއްޖެ "ސީސީ" ރޭޓިން އަކަށް ދަށްކޮށްފި އެވެ.

ރާއްޖެއަށް ކުރިން ދީފައިވަނީ "ސީސީސީ ޕްލަސް" އެވެ. އޭގެ ކުރިން ރާއްޖެއަށް ދީފައި އޮތީ "ސީސީސީ" ރޭޓިން އެކެވެ. މިއީ މި އަހަރު ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ.

މި ރޭޓިން އަކީ ކުރިން ދީފައިވާ ރޭޓިން އަށްވުރެ ތިން ދަރަޖަ ދަށް ރޭޓިން އެކެވެ.

އެންމެ ފަހުގެ ރޭޓިން ދީފައި މިވަނީ ރާއްޖެއިން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރިކަމަށް ބެލެވޭތީ އެވެ.

ފިޗް އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން ރާއްޖޭގެ ޑޮލަރުގެ ރިޒާވް މެއި މަހުގައި ހުރި އަދަދުން ޖުލައި މަހު ވަނީ 395 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އަދި ޖުމްލަ ބޭރު ދަރަނިވެސް އަންނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެ އަަދަދު ވަރަށް އަވަހަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށްވެސް ފިޗް އިން އަންދާޒާކޮށްފައިވެ އެވެ.

ފިޗް އިން ބުނީ ރާއްޖެ، ބޭރުން ނަގާ ދަރަނި އިތުރު ވަނީ މަޝްރޫއުތަކަށް ސަރުކާރުން ކުރާ ހަރަދު ބޮޑުވުމާއި، އެކްސްޕޯޓަށް ވުރެ ބޮޑަށް އިމްޕޯޓުގެ އަދަދު އިތުރުވުމުގެ ސަބަބުން ކަމަށެވެ.

ނަމަވެސް މިހާރު އޮތް މާލީ ހާލަތު ބަދަލުކުރުމަށް ބޭރު ގައުމުތަކާއެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ހަދާ، ފިސްކަލް ސްޓްރެޓެޖީއެއް ތަންފީޒުކުރެވޭނެ ކަންވެސް ފިޗް އިން ފާހަގަކުރި އެވެ.

ޑޮލަރުގެ އާމްދަނީ އިތުރުކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަނީ ފިސްކަލް ސްޓްރެޓެޖީއެއް އެކުލަވާލާފަ އެވެ. އަދި އާމްދަނީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ވެސް ފިޔަވަޅުތަކެއް އަޅަމުންދާއިރު، މި މަހުގެ ފަހުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާވެސް ކުރެ އެވެ.