Svoboda | Graniru | BBC Russia | Golosameriki | Facebook
ކުޅިވަރު

އުރުގުއޭގެ ލެޖެންޑް ސުއަރޭޒް ގައުމީ ޓީމުން ރިޓަޔާކުރަނީ

އުރުގުއޭ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި ލުއިސް ސުއަރޭޒް ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައިފި ކަމަށް ކުޅިވަރު ރިޕޯޓުތައް ބުނެފި އެވެ.

ސުއަރޭޒް އަކީ އުރުގުއޭގެ ގައުމީ ފުޓުބޯޅަ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑްވެސް އޮތް ކުޅުންތެރިޔާ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސުއަރޭޒް އަކީ އުރުގުއޭގެ ތާރީހުގައިވެސް އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ.

އުމުރުން 37 އަހަރުގެ ސުއަރޭޒްއާ ހަވާލީދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އަންނަ ހުކުރު ދުވަހު ޕެރަގުއޭއާއި ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗަކީ ގައުމީ ޖޯޒީގައި އޭނާ ފެންނާނެ ފަހު މެޗެވެ.

ދެހާސް ހަތްވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ސުއަރޭޒް، ގައުމީ ޓީމުގައި ހޭދަކުރި 17 އަހަރުގެ ތެރޭގައި އެ ޓީމަށް 142 މެޗު ކުޅެދީ 69 ލަނޑު ޖަހައިދީފައިވެ އެވެ.

ލިވަޕޫލުގައި ވިދާލި ސުއަރޭޒްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައި ވަނީ ސްޕޭނުގެ ފުޓުބޯޅަ ކްލަބް، ބާސެލޯނާގަ އެވެ. ބާސާއަށް ފަހުގައި އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު ސުއަރޭޒް އަކީ ޔޫރަޕުގެ ރަންބޫޓޫވެސް ހޯދާފައިވާ ކުޅުންތެރިޔެކެވެ.

މިވަގުތު އޭނާ ކުޅެމުން އަންނަނީ އެމެރިކާގެ އިންޓަ މިއާމީ އަށެވެ. ސުއަރޭޒްއާ އެކު މެސީ ހިމެނޭހެން ބާސާގެ ކުރީގެ ގިނަ ތަރިންތަކެއް އިންޓަ މިއާމީއަށް ކުޅެމުންދެ އެވެ.

ސުއަރޭޒް ބުނާ ގޮތުގައި އިންޓަ މިއާމީގައި އޭނާ ހޭދަކުރަނީ ވަރަށް އުފާވެރި ދުވަސްތަކެކެވެ.

ސުއަރޭޒް ވަނީ އުރުގުއޭގެ ޓީމާ އެކު 2014، 2018 އަދި 2022 ވަަަަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ސުއަރޭޒް ވަނީ 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އުރުގުއޭއަށް ކާމިޔާބުކޮށްދިނުމުގައިވެސް ވަރަށް މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ސުއަރޭޒް ގައުމީ ޓީމާ ވަކިވުން ވެގެންދާނީ ހަމަގައިމުވެސް އުރުގުއޭގެ ފުޅޫބޯޅައިގެ އާއިލާ ރޮއްވާލާނެ ކަމަކަށެވެ. އަދި އޭނާއަށް ސަޕޯޓް ކުރާ އެތައް ބަޔަކު ދަނީ އޭނާގެ ކުޅުމަށް ތައުރީފްކޮށް ސޯޝަލް މީޑީއާގައި ތައުރީފުގެ މެސެޖުތައް ރައްދުކުރަމުންނެވެ.