Svoboda | Graniru | BBC Russia | Golosameriki | Facebook
މުހައްމަދު ސައީދު

އާ އިންވެސްޓަރުންނާއެކު ބޮޑު ބަދަލެއް ގެނައުމަކީ އަމާޒެއް: ސައީދު

ރާއްޖެއަށް އާ ފޮރިން އިންވެސްޓްމަންޓްތައް ގެނެސް ރާއްޖެއަށް އިގްތިސާދީ ބޮޑު ބަދަލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އާ ފޮރިން އިންވެސްޓްމަންޓް ގާނޫނު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ އާ ގާނޫނާ އެކު ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑު ކުރެވި އާ އިންވެސްޓްމަންޓްތައް ގެނައުމަށް ފަސޭހަ ވާނެ ކަމަށެވެ. އަދި އާ ގާނޫނާ އެކު އިންވެސްޓަރުންނަށް ކުރިން ރާއްޖޭގައި ނުލިބޭ ފަހި އެތައް ފުރުސަތެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާއަށް އިގްތިސާދީ ހެޔޮ ބަދަލުތައް ގެނެސް ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ހޯދުމަކީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެއް ކަމަށެވެ. މިއަދު ތަސްދީގު ކުރެއްވި ފޮރިން އިންވެސްޓްމަންޓް ގާނޫނަކީވެސް މިސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަދި ޒަމާނީ ބަދަލުތަކަށް ފެތޭ ގޮތަށް އޮތް އޮތް ގާނޫނެއް ކަމަށާއި މުސްތަގުބަލްގައިވެސް އާ ގާނޫނުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ލުއި ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމުގައި ވިދާޅުވި އެވެ.

"އެމަނިކުފާނު [ރައީސް]ގެ ވައުދުފުޅުތަކުގެ ތެރޭގައި މިހުރީ ގާތްގަނޑަކަށް ބޮޑެތި ސްޓްރަކްޗަރަލް ރިފޯމް އިގްތިސާދީ ދާއިރާގައި. ވިޔަފާރި ފުޅާކުރުމާއި ރާއްޖެއަކީ ވިޔަފާރިކުރަން ފަސޭހަ ތަނަކަށް ހެދުމާއި އަދި ރިއަލް އެސްޓޭޓްގެ ދާއިރާއަކީވެސް ވިޔަފާރީގެ ދާއިރާއަކަށް ހެދުން،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މީގެކުރިން އަމަލުކުރަމުން އައި "ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު"ގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ރާއްޖޭގެ ގައުމީ ސަލާމަތަށް ކަމަށެވެ. އެކަމަކު މިއަދު އަމަލުކުރަން ފެށި ގާނޫނުގައި އިސްކަން ދީފައިވަނީ ޓްރާންޕޭރެންސީ އާއި އިންވެސްޓަރުންގެ ރައްކާތެރިކަމަށް ކަމުގައި ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޓާނީ ޖެނަރަލް އަހްމަދު އުޝާމް ވިދާޅުވީ މިއަދު ތަސްދީގު ކުރެއްވި ގާނޫނަކީ އިންވެސްޓަރުންނާ ރަހްމަތްތެރި އަދި އިންވެސްޓަރުންގެ މަސައްކަތްތަކުގައި ފަސޭހަތަކެއް ލިބޭނެ ގާނޫނެއް ކަމަށެވެ. އިންވެސްޓަރުންނަށް ފަސޭހަ ގޮތްތައް ގާނޫނެއްގެ ތެރެއިން ހަމަޖައްސައިދިނުމަށް ފާއިތުވި ހުރިހާ ސަރުކާރުތަކުންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަމަލީ ގޮތުން އެކަން ކުރެވިފައިވަނީ މިސަރުކާރަށް ކަމަށްވެސް އުޝާމު ވިދާޅުވި އެވެ.

"މިފަދަ ގާނޫނުތައް އޭގެ ޒާތުގައި އެއީ ވަރަށް ވަގުތު ނަގާ އަދި ހަރަދުވެސް ބޮޑު މަސައްކަތެއް. އެހެންނަމަވެސް ރައީސްގެ ވިޝަންއަކީ ރާއްޖެއަކީ އިންވެސްޓާ ފްރެންޑްލީ ގައުމަކަށް ހެދުން. މިފަދަ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ނުވަތަ އަލަށް ގާނޫނުތައް އެކުލަވާލަންޖެހޭ ކަމަށްވާނަމަ އެ މަސައްކަތް ވީހާވެސް އަވަހަށް ކުރުން،" ބަންޑާރަނައިބް ވިދާޅުވި އެވެ.