Svoboda | Graniru | BBC Russia | Golosameriki | Facebook
ޕްރަވެޓައިޒޭޝަން

ކުންފުނިތަކުން ހަރަދު ކުޑަކުރަން ވަރުގަދަ ފިޔަވަޅުތަކެއް!

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުންފުނިތަކަށް މިއަދު އަންގައިފި އެވެ.

ޕީސީބީ އިން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ވަނީ އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން މަސައްކަތް ފަށާފައިވާ މިވަގުތު ކުންފުނިތަކުންވެސް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން އަންގާފަ އެވެ. އަދި ހަރަދު ކުޑަކުރަން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްވެސް އެދިފައިވެ އެވެ.

ހަރަދު ކުޑަކުރުމަށް ޕީސީބީ އިން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދަތުރުތަކާއި މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރުމާއި، ކަރުދާހުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ޑިޖިޓަލްކޮށް މުއާމަލާތްތައް އިތުރުކުރުމާއި އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ހަރަދުތައް ކުޑަރުމާއި، ސްޕޮންސާޝިޕްތަކަށް ކުރާ ހަރަދުތައް ކުޑަކުރުމާއި އަދި ހަފްލާތަކުގެ ރިފްރެޝްމެންޓަށް ކުރާ ހަރަދު ކުޑަކުރުން ހިމެނެ އެވެ.

ދަތުރު ހަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ރަސްމީ ދަތުރެއް ނޫނީ ނުކުރުމާއި، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އެކު ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، ކުންފުންޏަށް ފައިދާވާ މަހާސިންތާތަކާއި ފެއާ ތަކުގައި ނޫނީ ބައިވެރިނުވުމާއި، ފެރީގައި ކުރެވެން ހުރި ދަތުރުތައް ފެރީގައި ކުރުން ހިމެނެ އެވެ. އަދި އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ކެއުމާއި ހުރުމުގެ ހަރަދު ވީހާވެސް ކުޑަކުރުމާއި، ކޮންމެހެން ކުރަންޖެހޭ ބޭރުގެ ދަތުރެއްގައި އެ ދަތުރެއްގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގު ނުވާނަމަ ފަސްޓް ކްލާހުން ދަތުރު ނުކުރުމާއި، ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިތަކުން ކުރާ ހަރަދު ކުޑަކުރަންވެސް ވަނީ އަންގާފަ އެވެ.

ޕީސީބީ އިން ވަނީ އޮނިގަނޑުގައި އޮތް ނަމަވެސް މިވަގުތަށް ކޮންމެހެން ވަޒީފާ ދޭން ޖެހޭ މީހަކަށް ނޫނީ ވަޒީފާ ނުދިނުމަށާއި، ޕީސީބީގެ ހުއްދަ ނެތި މުވައްޒަފުންގެ މުސާރަތަކާއި އެލަވަންސްތަކަށް ބަދަލު ނުގެނައުމަށާއި، އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް އިންތިޒާމު ކުރުމަށްވެސް ވަނީ އަންގާފަ އެވެ. މީގެއިތުރުން މުވައްޒަފުން ތަމްރީން ކުރަންޖެހޭނަމަ ކުންފުނީގައި ތިބި މުވައްޒަފުންނާއި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުން ކުރުމަށާއި، މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި އިނާޔަތް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގާފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރަން ކޮންމެހެން ފިޔަވަޅުތަކެއް އަޅަންޖެހިފައިވާތީ ސަރުކާރުން މިހާރު ވަނީ އެއް މަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްކޮށްލަންޖެހޭ ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގައިވެސް ސަރުކާރުން ބުނެފައިވެ އެވެ.