Svoboda | Graniru | BBC Russia | Golosameriki | Facebook
އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީ އިން 10،000 ޓަނުގެ ފެން ރައްކާކުރެވޭ ވަރުގެ ތާންގީއެއް ބަހައްޓަނީ

މާލެ ވޯޓަ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ "ވޯޓަ ސެކިއުރިޓީ ޕްލޭން"ގެ ދަށުން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ތާންގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ 10،000 ޓަނުގެ މި ތާންގީއަކީ މިހާތަނަށް އެ ކުންފުނިން ބަހައްޓާ އެންމެ ބޮޑު ތާންގީ އެވެ.

މި ތާންގީގެ މަސައްކަތްތައް ނިމުމާ އެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއަށް 34.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު އިތުރުކުރެވި މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން އެމްޑަބްލިއުއެސްސީ އިން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައްވެސް ވަނީ ގާއިމުކޮށްފަ އެވެ.

ސިނަމާލެ ބުރިޖު މެދުވެރިކޮށް އެމްޑަބްލިއުއެސްސީ އިން އަޅާފައިވާ ފެންހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

މީގެއިތުރުން މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާކުރާ އިތުރު ދެ ތާންގީ ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ކުރަމުން އެބަދެ އެވެ. މިއީ ގްރޭޓާ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކާކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތްތަކެކެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.