Svoboda | Graniru | BBC Russia | Golosameriki | Facebook
މިނިސްޓަރު އަލީ އިހުސާން

އިހްސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ: ޔާމީން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައިގެން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިނިސްޓަރު އިހްސާންގެ ސެކިއުރިޓީގެ ކަންކަން މިއަދާ ހަމައަށް ބަލަހައްޓަމުން ދިޔައީ ފުލުހުން ކަމަށެވެ. ނަމަވެސް އިއްޔެ ނުވަތަ މިއަދު އެކަން ބަދަލުކޮށް މިނިސްޓަރު އިހްސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފް ހަވާލުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެވެސް ކަހަލަ ކަންތައްތަކެއް އެބައުޅޭ އެނގޭތޯ. އެމްއެންޑީއެފްއާ ހަވާލުވެއްޖެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިނިސްޓަރު އިހްސާންގެ ސެކިއުރިޓީއާ ގުޅޭގޮތުން ރައީސް ޔާމީން ވާހަކަދެއްކެވި ނަމަވެސް އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރައީސް ޔާމީން ދެއްކެވި މި ވާހަކަތަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ޑިފެންސް މިނިސްޓަރު ފިޔަވާ އެހެން ވަޒީރުންގެ ސެކިއުރިޓީ ބަލަހައްޓަނީ ފުލުހުންނެވެ.

ޕީއެންއެފްގެ މިރޭގެ ޖަލްސާގެ ޕޯޑިއަމްގައި ހުންނަވައިގެން ގާނޫނީ ވަކީލް އާދަމް އާސިފް ދެއްކެވި ވާހަކައިގައި އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިހްސާން މަސައްކަތް ފެއްޓެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ތަހުގީގު ހުއްޓުވާފައިވާ ކަމަށް ވިދާޅުވުމުން ރައީސް ޔާމީން ވަނީ އާސިފްގެ ވާހަކަ މަޑުޖެއްސެވުމަށްފަހު މިނިސްޓަރު އިހްސާންއަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފަ އެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ މިނިސްޓަރު އިހްސާން އަކީ އޭނާގެ "ކެރެކްޓާގައި ކޮމްޕްރޮމައިޒް" ވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިހްސާން ބޭނުންވެއްޖެނަމަ އެކަން ރައީސް މުއިއްޒުއަށް ނުހުއްޓުވޭނެ ކަމަށާއި އެ ތަހުގީގު ހުއްޓުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވުމުގެ "ގަޓްސް" މިނިސްޓަރު އިހްސާންގެ ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ އިހްސާންގެ ކެރެކްޓާ. އޭނައަށް ކްރެޑިޓް ދޭންޖެހޭ ކަންތައްތަކުގައި ކްރެޑިޓް ދޭންޖެހޭ އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި އެކިއެކި މަސައްކަތްތައް ހަވާލުކުރައްވާފައިވާ ބޭފުޅުންނަށް ޒިންމާ އަދާނުކުރެއްވޭ ކަމަށެވެ. އަދި އެއިން ކޮންމެ ބޭފުޅެއްގެ މަސައްކަތާ ދޭތެރޭވެސް ރައްޔިތުން ސުވާލު އުފައްދަވާ ކަމަށްވެސް ވިދާޅުވި އެވެ.