Svoboda | Graniru | BBC Russia | Golosameriki | Facebook
އަހުމަދު ރިލްވާން

ރިލްވާންގެ މައްސަލަ ނުނިންމާތީ ކަންބޮޑުވުން

Feb 10, 2021

މަރާލައިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަަރުގެ މައްސަލައިގެ ތަހުގީގް އެ މައްސަލަ ބަލަން އުފެއްދި މަރު ކޮމިޝަނުން ދެ އަަހަރުވީ އިރުވެސް ބަލާ ނުނިމޭތީ ރިލްވާންގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަރު ކޮމިޝަނުން 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނޫސްވެރިންނާ ބައްދަލުކުރުމަށް ފަހު ރިލްވާންގެ މައްސަލައިގެ ތަހުގީގް ދެ އަހަރު ތެރޭ ނިމޭނެކަމަށް ބުނިކަން ރިލްވާންގެ އާއިލާއިން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ރިލްވާންގެ މައްސަލައާއެކު އެހެނިހެން މަރުގެ މައްސަލަތައް ތަހުގީގްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި މަރު ކޮމިޝަންގެ ހަބަރެއް ނުވެ ދުވަސްގަނޑެއް ވަންދެން އޮތުމަށް ފަހު މިއަދު އެ ކޮމިޝަނުން ވަނީ ރިލްވާންގެ ތަހުގީގްއާ ގުޅޭ އަޕްޑޭޓެއް ދީފައެވެ. އެ ކޮމިޝަނުން މިއަދު ބުނީ ރިލްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހެއްކަކީ އޭނާއަށް ބިރުދައްކަން ގެންގުޅުނު ވަޅި ކަމަށާއި އެ ވަޅީގެ އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ރިލްވާނާ ގުޅޭ މަރުގެ އަޕްޑޭޓެއް މިއަދު މަރު ކޮމިޝަނުން ދިން ނަމަވެސް އެ ކޮމިޝަނުން ތަހުގީގްކުރާ އިތުރު އެއްވެސް މަރެއްގެ އަޕްޑޭޓެއް ނުދެ އެވެ. އެ ހުރިހާ މަރުގެ މައްސަލަތަކުގެ އެއްވެސް މައްސަލައެއްގައި ތުހުމަތުކުރެވޭ ބައެއްގެ މައްޗަށް ޖިނާއީ ދައުވާކުރެވޭ ހިސާބަށް ގޮސްފައިނެތުމުންވެސް ރިލްވާންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަރު ކޮމިޝަނުން ތަހުގީގްކުރާ 27 މައްސަލައިގެ ތެރެއިން ރިލްވާން ވަގަށްނަގައި، ގެއްލުވާލި މައްސަލަ ވަކިން ހާއްސަކުރުމުގެ ބަދަލުގައި ހުރިހާ މައްސަލައަކަށް އެއްވަރަކަށް އަހައްމިޔަތުކަން ދީގެން ތަހުގީގް ކުރުމަށް ރިލްވާންގެ އާއިލާއިން ވަނީ އެދިފައެވެ.